ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައިފި

އިންތިގާލީ މަރުޙަލާގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވުނު ގޮތާއި ގުޅޭގުތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމުގެ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ނޫސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އިންތިޤާލީ މަރުޙަލާގައި ކޮށް ނިންމުމަށް ހުރި ކަންކަމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކުރެވެންހުރި ކަންކަން ކުރުމަށްޓަކައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ކުޑަކޮށް، އެއްބަސްވެވޭ ގޮތްތަކެއް ހޯދުމުގެ މަސައްކަތް އިއްޔެއާއި ރޭގައިވެސް ކުރިއަށްދިޔަ ފަދައިން މިއަދުވެސް ކުރިއަށް ގެންދަވާކަމުގައި މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި މީގެ އިތުރުން މަޖިލީހުގައި ހިމެނޭ ބޮޑު ސިޔާސީ ދެ ޕާޓީ ކަމުގައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރާއި، ދިވެހިރައްޔިތުންގެ ޕާޓީގެ ލީޑަރާއެކު މިހާރުވެސް މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިއަދު މަޖިލިސް ކުރާގޭގައި ބޭއްވުނު ނިއުސް ކޮންފަރެންސްގައި، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން ރާއްޖެއަށް މިހާރު ދިމާވެފައިމިވާ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދެވޭނެފަދަ މާޙައުލެއް ޤާއިމުކޮށްދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި 10 އޯގަސްޓް 2010 ވާ އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައިވެސް މަޖިލީހުގެ ރައީސް ވާހަކަފުޅުގައި ވިދާޅުވިއެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިހާރު މަޖިލީހަށް ދިމާވެގެން މިއުޅޭ މައިގަނޑު މައްސަލައަކީ އެޖެންޑާ އެކުލަވާލެއްވުމުގައި ދެޕާޓީގެ ދެމެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުމުގެ މައްސަލަކަމުގައެވެ.