ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވާފައިވާ، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/1) އަށް އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ބަލައިގަތުމަށް 39 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައި، ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިބިލް، ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 22 މެންބަރުން ވޯޓްދެއްވާފައިވެއެވެ. މިއަދުގެ ޖަލްސާގައި މި ބިލުގެ އިބްތިދާއީ ބަޙުސް މަރުޙަލާގައި 19 މެންބަރުން ވާހަކަދެއްކެވިއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 9 އޯގަސްޓް 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ.