އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަށް މަޖިލީހުން ގެންނެވި އިޞްލާހާއެކު ފާސްކުރައްވައިފި

ertertet

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި، އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު، 11 މެންބަރުންގެ ވަގުތީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް މަޖިލީހުން ގެންނެވި އެއް އިޞްލާހާއެކު، 47 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. މި ބިލު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 31 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.
މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑރ. ޢަބްދުﷲ ޚަލީލްއެވެ. މި ރިޕޯޓަށް 14 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 19 ޖުލައި 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ. އަދި ބިލު ދިރާސާކުރެއްވުމަށް، 11 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވާފައިވަނީ 1 އޯގަސްޓް 2016 ވީ ހޯމަދުވަހު އޮތް މިއަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައެވެ.

5 ޛުލްޤައިދާ 1437
8 އޯގަސްޓް 2016