ނޫސް ބަޔާން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން އިންތިޤާލީ މަރުޙަލާގައި ނިންމަންހުރި ކަންތައްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މިއަދުގެ ނިޔަލަށް ނިންމެން ހުރި ކަންކަން ނިންމުމަށްޓަކައި މަޖިލީހުގެ ޖަލްސާއެއް، މިއަދު ބޭއްވޭތޯ އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރީމެވެ. ނަމަވެސް، ހިތާމައާއެކު، ދަންނަވާލަން ޖެހެނީ، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި ޖަލްސާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާމެދު، އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް އެއްވެސް އަލިމަގެއް މިވަގުތާހަމައަށް އައިއިރުވެސް ފެނިފައެއްނުވެއެވެ.

އެޚިޔާލުތަފާތުވުންތައް ނައްތާލެވިގެންނޫނީ މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދިއުމުގެ ފުރުޞަތު އޮތްކަމަށް ނުފެންނަކަމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުން މަޝްވަރާދެއްވާތީ މިއަދު، 7 އޯގަސްޓް 2010 ވީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ފެށިގެން ލަސްވަމުންގޮސް މިރޭގެ 8:00 ގައި ފަށާގޮތަށް ހަމަޖެއްސި މިޖަލްސާވެސް ކުރިއަށް ގެންދެވޭނެކަމަށް ނުފެންނާތީ، ޕާޓީތަކުން ދެއްވި ލަފާއާއެއްގޮތަށް މި ޖަލްސާ ކެންސަލްކުރި ވާހަކަ ދަންނަވަމެވެ.