ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 5 ބޭފުޅުންގެ ނަންފުޅު މަޖިލީހަށް އިއްވައި، ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 5 ބޭފުޅުންގެ ނަންފުޅު މަޖިލީހަށް އިއްވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހަޅުއްވާފައިވާ ނަންފުޅުތަކަކީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމަށް ހ. މާނބަޑޭރިއާގެ އަލްފާޟިލް އަޙްމަދު ޡުހޫރު، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް ކަމަށް ހ.އޯކިޑް އަލްފާޟިލާ އިރުތިޝާމް އާދަމް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމަށް ގދ. މަޑަވެލި / ގަހާ އަލްފާޟިލް އަޙްމަދު މުނައްވަރު، މިނިސްޓަރ އޮފް ހެލްތް ކަމަށް ޅ. ހިންނަވަރު/ ބޮޑުފެންޑާގެ އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމް އަދި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ކަމަށް މ.ނޫރާނީގެ އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ އެވެ.

24 ރަމަޟާން 1437
29 ޖޫން 2016