ސަފީރުން ކަނޑައެޅުމަށްޓަކައި ފޮނުއްވާފައިވާ ނަންފުޅުތައް ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ފޮނުއްވާފައިވާ ނަންފުޅުތައް ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.
މިގޮތުން، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުކަމަށާއި، އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުކަމަށާއި ކެނެޑާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ގދ. ގައްދޫ/ ބެންހާގެ، ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ޢައްޔަންކުރެއްވުމާމެދު މަޝްވަރާ އެރުވުމަށް 57 މެންބަރުންގެ އިއްތިފާގުން ފާސްކުރެއްވިއެވެ. ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް އެއް މެންބަރަކު ވޯޓްދެއްވާފައިވެއެވެ.
އަދި، ނެދަލެންޑްސްއާއި ލަގްޒަރމްބަރގަން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ގ. ސަމަންތާ، އަލްފާޟިލް އަޙްމަދު ޝިއާން ޢައްޔަންކުރެއްވުމަށް މަޝްވަރާ އެރުވުމަށް 61 މެންބަރުންގެ އިއްތިފާގުން ފާސްކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މެންބަރު ގެމަނަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖަމީލް އުޘްމާންއެވެ. މި ރިޕޯޓަށް 3 މެންބަރަކު ބަހުސްކުރައްވާފައިވެއެވެ.
ސަފީރުން ކަނޑައެޅުމަށްޓަކައި ފޮނުއްވާފައިވާ ނަންފުޅުތައް ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރެއްވުމަށް ފޮނުވިފައިވަނީ 7 ޖޫން 2016 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 29 ޖޫން 2016 ވާ ބުދަ ދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

23 ރަމަޟާން 1437
28 ޖޫން 2016