ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/2) އަށް އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ބަލައިގަތުމަށް 41 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައި އިޖުތިމާޢީ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ބިލު، ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 16 މެންބަރުން ވޯޓް ދެއްވާފައިވާއިވެއެވެ. މިއަދުގެ ޖަލްސާގައި މި ބިލުގެ އިބްތިދާއީ ބަޙުސް މަރުޙަލާގައި 9 މެންބަރުން ވާހަކަދެއްކެވިއެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 20 ޖޫން 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައެވެ.

23 ރަމަޟާން 1437
28 ޖޫން 2016