ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިޔުމާ ބެހޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ބަޔާންކޮށްފައިވާ ކަރުދާހާއެކު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް 11 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި، ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިޔުމާ ބެހޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ބަޔާންކޮށްފައިވާ ކަރުދާހާއެކު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް 11 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވުމަށް، 38 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މިމައްސަލަ ވަގުތީ ކޮމިޓީއަށް ފޮނުއްވުމަށް، ފެނިވަޑައިނުގަންނަވާ އެއް މެންބަރަކު ވޯޓް ދެއްވާފައިވާއިރު، ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް 9 މެންބަރުން ވޯޓްދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، 11 މެންބަރުންގެ ލިސްޓް ފާސްކުރައްވާފައިވަނީ 39 މެންބަރުންގެ ޢިއްތިފާގުންނެވެ. 11 މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ހިތަދޫ މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް މުޙައްމަދުދީދީ، ކުޅުދުއްފުށި އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލްޣަފޫރު މޫސާ، ވިލިމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދު، ކެލާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޢާރިފް، ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމްދީދީ، އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖަޢުފަރު ދާއޫދު، ގެމަނަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖަމީލް ޢުޘްމާން، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢާމިރު، ދަނގެތި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްހާމް އަޙްމަދު އަދި މަކުނުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަނާރާ ނަޢީމް އެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 27 ޖޫން 2016 ވާ  ހޯމަ ދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

16 ރަމަޟާން 1437

21 ޖޫން 2016