ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ބިލާއި އަދި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު ކޮމެޓީން ހުށަހެޅުއްވިގޮތަށް ފާސްކުރައްވައިފި (2.8.2010)

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާ ގައi ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ބިލު ފާސްކުރައްވައިފިއެވެ. މި ބިލުގެ އިތުރުން މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލަށް އެއްވެސް މެންބަރަކު އިސްލާޙެއް ހުށަހަޅުއްވައިފައި ނުވާތީ ބިލު ކޮމެޓީން ދިރާސާކުރައްވާ މަޖިލީހަށް ހުށަހެޅުއްވިގޮތަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން އެބިލު ވަނީ މިއަދުގެ ޖަލްސާއިން ފާސްކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް މެންބަރުން ޢައްޔަނުކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް މަޖިލީހައް އިއްވައި، މިނަންފުޅުތައް ދިރާސާކުރެއްވުމަށް 7 މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލެވުނެވެ.

ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލް 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާބެހޭ ގޮތުން ގަވާއިދު ކޮމިޓީން ހުށަހަޅުއްވާ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާ އެކޮމެޓީން ހުށަހަޅުއްވާފައިވާ ގޮތަށް ހުށަހެޅުނު 1 އިސްލާޙާއެކު އެ ގަވާއިދުތަކަށް މުއްދަތު އިތުރުކުރުމަށްވަނީ ފާސްކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ގަސްގަހާގެހި ކަރަންޓީނުކުރުމާބެހޭ ބިލުގެ އިބްތިދާއީ ބަހުސްވަނީ ކުރިއަށް ގެންދަވާފައެވެ.

ގަސްގަހާގެހި ކަރަންޓީނުކުރުމާބެހޭ ބިލެއް ހުށަހަޅުއްވާފައިވާ ބޭނުމަކީ ރާއްޖެއަށް އެތެރެކުރެވޭ ގަސްގަހާގެއްސަށް ޖެހޭ ބަލީގެ އަސްލު އަދި ގަސްގަހާގެއްސަށް ގެއްލުންދޭ ތަކެތި ރާއްޖެ އެތެރެވުން ކޮންޓްރޯލްކުރުމަށެވެ. މީގެ އިތުރުން ގަސްގަހާގެއްސާއި ގަހުގެ ބައިތަކާއެކު ރާއްޖެއަށް އެތެރެވެދާނެ މިފަދަ ބާވަތްތަކުން ދިވެހިރާއްޖޭގެ ގަސްގަހާގެހި ހިމާޔަތް ކުރުމަށްކަމުގައި ބިލު ހުށަހެޅުއްވި މެންބަރު ވިދާޅިވިއެވެ.

71 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޞިލް އަޙުމަދު ނާޒިމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދުއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 3 އޯގަސްޓް 2010 ވާ އަންގާރަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.