ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ބިލެތްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު މުބީން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނު (ޤާނޫނު ނަންބަރު 69/4) އަށް އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ބަލައިގަތުމަށް 49 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވާ، ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ. 2 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި މި ބިލުގެ ބަޙުސް މަރުޙަލާގައި 13 މެންބަރުން ވާހަކަދެއްކެވިއެވެ. މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 28 މާރިޗު 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި، އައްޑޫ މީދޫ ދާއިރާއާއި އައްޑޫ ސިޓީގެ އެހެން ދާއިރާތަކުގެ މަގުހެދުމުގެ މަޝްރޫޢުކުރިޔަށް ގޮސްފައިވާ ހިސާބު އޮޅުންފިލުއްވައިދެއްވުމަށް އެދި އައްޑޫ މީދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ސުވާލުކުރެއްވިއެވެ. އިތުރު ސުވާލު ކުރެއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި 16 މެންބަރުން މިނިސްޓަރާއި ސުވާލުކުރައްވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 5 އޭޕްރީލް 2016 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

26 ޖުމާދަލްއާޚިރާސ 1437

4 އޭޕްރީލް 2016