ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

_DSC9366މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 15 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، މަޑުއްވަރީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު ހުށަހަޅުއްވާފައިވާ، ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 47 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޚަލީލެވެ. މި ރިޕޯޓަށް 14 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 4 ނޮވެންބަރ 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ. އަދި، 9 ނޮވެންބަރ 2015 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާގައިވަނީ، ބިލު މަޖިލީހުން ބަލައިގަނެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވާފައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 22 މާރިޗު 2016 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

12 ޖުމާދަލްއާޚިރާ 1437
21 މާރިޗު 2016