ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

_DSC4175މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް ހުށަހަޅުއްވާފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 94/6) އަށް އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް 46 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައިވަނީ އެއް މެންބަރެކެވެ.

މި ބިލު ދިރާސާކުރެއްވުމަށް އިޖްތިމާޢީ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

މިއަދުގެ ޖަލްސާގައި މި ބިލުގެ އިބްތިދާޢީ ބަޙުސް މަރުޙަލާގައި 27 މެންބަރުން ވާހަކަދެއްކެވިއެވެ.

ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 15 ފެބްރުއަރީ 2016 ގައި ބޭއްވުނު ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 9 މާރިޗު 2016 ވާ ބުދަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

28 ޖުމާދަލްއޫލާ 1437

8 މާރިޗު 2016