މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ މަޖިލީހުން ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހުން ބަލައިގަތުމަށް 51 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައިވަނީ 5 މެންބަރުންނެވެ.

މިއަދުގެ ޖަލްސާގައި މި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރު ހޯރަފުށި ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު އިސްމާޢީލްއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި، ސ. މަރަދޫފޭދޫ ބަނދަރު ފުންކުރުމާއި މަގު ތޮށިގަނޑު މަރާމާތުކުރުމާއި ގުޅޭ ގޮތުން އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ސުވާލުކުރެއްވިއެވެ. މި އައިޓަމްގެ ދަށުން އިތުރު ސުވާލު ކުރެއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި 15 މެންބަރުން މިނިސްޓަރާއި ސުވާލުކުރައްވާފައިވެއެވެ.

27 ޖުމާދަލްއޫލާ 1437

7 މާރިޗު 2016