ތިން ސަފީރަކު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ޒިޔާރަތް ކުރައްވައިފި

ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ފަރަންސޭސި ސަފީރު ހަރ އެކްސެލެންސީ ސެލީނާ ރޮބިކަން އާއި ކޮރެޔާ ސަފީރު ހިސް އެކްސެލެންސީ ޗޮއި ކީ ޗުލް އަދި ލީބިޔާ ސަފީރު ހިސް އެކްސެލެންސީ އިބްރާހިމް އެލަބަލް ހެނެތިސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމް ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، އެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު އޮތް ހާލަތާދޭތެރޭ ކަންބޮޑުވެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ހުރި މިފަދަ މައްސަލަތަކަށް އަވަސް ޙައްލެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އަދި މިނިވަންދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވިވާހަކަފުޅުގައި ރާއްޖޭގެ ސިޔާސީ މަސްރަޙް ފިނިކުރުމަށް ސަރުކާރާއި، ސިޔާސީ ޕާޓީތަކުގެ މެދުގައި ވާހަކަދައްކައި ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދެއްކެވިއެވެ.

މިބައްދަލުވުތައްންއޮތީ ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.