ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ވިލިނގިލި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/9) އަށް އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ބަލައިގަތުމަށް 44 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވާ، ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިބިލް، ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 7 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. 5 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 15 ފެބުރުވަރީ 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 1 މާރިޗު 2016 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

14 ޖުމާދަލްއޫލާ 1437

23 ފެބުރުވަރީ 2016