ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ، ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން މާފަންނު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ އަދަދަށް ކަޅުފައިސާ ދޮވުމުގެ ޖަރީމާ މުޅިދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށާއި ބައިނަލްއަޤުވާމީ ތަޙްޤީޤީ އިދާރާތައް މެދުވެރިކޮށް އެ މައްސަލައިގެ ފުރިހަމަ ތަޙްޤީގެއް ހިންގުމަށާއި އަފަދަ ތަޙްޤީޤަކަށް ރާއްޖޭގެ މާލީ އިދާރާތަކުން އެއްބާރުލުން ދިނުމަށް ގޮވާލައި ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވިއެވެ.

މި މައްސަލަ ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 29 މެންބަރުން ވޯޓުދެއްވާފައިވާއިރު، 18 މެންބަރުން ވަނީ ބަލައިގަތުމަށް ވޯޓުދެއްވާފައެވެ.

މީގެއިތުރުން، މިއަދުގެ ޖަލްސާގައި އައްޑޫ ސިޓީގައިހުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރާއި ގުޅޭގޮތުން، އައްޑޫމީދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ސުވާލުކުރެއްވިއެވެ.

އަދި، އިތުރު ސުވާލު ކުރެއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި 15 މެންބަރުން ސުވާލުކުރެއްވިއެވެ.

13 ޖުމާދަލްއޫލާ 1437

22 ފެބުރުވަރީ 2016