ނޫސް ބަޔާން (22.7.2010)

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި މަޖިލީހުގެ މެންބަރުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބުމަކީ އެންމެ އަސާސީ އެއްކަމެކެވެ. އެގޮތުން މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި މަޖިލީހުގައި ތަމްސީލުވާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެދުގައި ވާހަކަދެކެވި ޚިޔާލުއެއްގޮތް ކުރެވޭތޯ މަސައްކަތް ކުރުމަކީ ހުރިހާ ފަރާތަކުންވެސް ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކެމެވެ.

21 ޖުލައި 2010 ވީ ބުދަދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސް ކޮންފަރެންސްގައި ސަރުކާރާއި، އިދިކޮޅު ޕާޓީތަކާއިދެމެދު ވާހަކަތައް ފެށްޓެވުމަށް ގޮވާލެއްވި ގޮވާލެއްވުމަށް އަޅުގަނޑު މަރުޙަބާ ދަންނަވަމެވެ. އަދި އިދިކޮޅުޕާޓީތަކުންވެސް މިހާރު މިދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށްޓަކައި ވާހަކަދައްކަން ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވި ވިދާޅުވުމަށްވެސް މަރުޙަބާ ދަންނަވަމެވެ.

ކުރިއަށް އޮތް ހަފްތާއަކީ މިނިވަންދުވަހުގެ މުނާސަބަތުގައި ބަންދު ދުވަސްތަކެއް އަންނަ ހަފްތާ އެއްކަމުގައި ވިއަސް މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ޕާޓީތަކުގެ މެދުގައި ވާހަކަތައް ދެކެވި އެއްބަސްވުންތަކަކަށް އާދެވި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމުވެގެން ދިއުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. މިގޮތުން ދެކެވޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރާ ވާހަކަތަކަށް ފުރުޞަތު ދިނުމަށްފަހު 1 އޯގަސްޓް 2010 ވާ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އަޅުގަނޑު ގަސްތުކުރަމެވެ.