ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފި (22.7.2010)

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ޕްރޮފެސރ ސެލީނާ މޮހްސިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު މެންދުރު އިޙްތިރާމް ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު އޮތް ހާލަތާދޭތެރޭ ކަންބޮޑުވެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު ހުރި މިފަދަ މައްސަލަތަކަށް އަވަސް ޙައްލެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ރަހްމަތްތެރި ގުޅުން އިތުރަށް ބަދަހި ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވިވާހަކަފުޅުގައި ރާއްޖޭގެ ސިޔާސީ މަސްރަޙް ފިނިކުރުމަށް ސަރުކާރާއި، ސިޔާސީ ޕާޓީތަކުގެ މެދުގައި ވާހަކަދައްކައި ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދެއްކެވިއެވެ.

މިބައްދަލުވުންއޮތީ ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.