މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް މިއަދުގެ ޖަލްސާއަށް ދިވެހިރާއްޖޭގެ ދިފާޢީ ބާރުން ޙާޒިރުކޮށްދެއްވާފައި ނުވާތީ މިއަދުގެ ޖަލްސާވެސް ނިންމަވާލައްވައިފިި (21.7.2010)

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާ މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް މިއަދުގެ ޖަލްސާއަށް ދިވެހިރާއްޖޭގެ ދިފާޢީ ބާރުން ޙާޒިރުކޮށްދެއްވާފައި ނުވާތީ މިއަދުގެ ޖަލްސާވެސް ނިންމަވާލައްވައިފިިއެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން ރިއާސަތުން ވިދާޅުވީ މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ޖަލްސާއަށްވެސް ޙާޒިރުކޮށްދެއްވުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ގައި އިއްޔެ ދަންނަވާފައިވާކަމަށާއި އެގޮތުން ދެންނެވި ދެންނެވުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުއްވާފައިވާކަމަށް ރިއާސަތުން ވިދާޅުވެ އެސިޓީވަނީ މިއަދުގެ ޖަލްސާގައި މަޖިލީހަށް އިއްވަވާފައެވެ. އެސިޓީގައި 19 ޖުލައި 2010 ގައި މިނިސްޓްރީ އޮފްޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ސަބަބުތައް، އިތުރު ބަދަލެއްނައިސް އެގޮތަށް ހުރުމާއިއެކު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ހިމާޔަތުގެ ދަށުގައި ހުންނެވި މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން 21 ޖުލައި 2010 ވާ ބުދަދުވަހު 9:00 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުކޮށްދެވެން ނެތް ވާހަކަ ލިއުއްވާފައިވެއެވެ.

މީގެއިތުރުން، ރިއާސަތުން ވިދާޅުވެފައިވަނީ އިއްޔެ ( 20 ޖުލައި 2010 ވީ އަންގާރަދުވަހު ) ޕާޓީތަކުގެ ލީޑަރުންނާއި ބައްދަލުކުރެއްވުމުން، އެބޭފުޅުން ލަފާދެއްވާފައިވަނީ މުލަކު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދި އެނޫންވެސް މެންބަރަކު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެންނެވޭގޮތަށް ދިފާޢީ ބާރުން ބަހައްޓަވާފައިވާކަމަށްވާނަމަ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދިއުމަށެވެ.  އިއްޔެގެ މިބައްދަލުވުމުގައި އެމް.ޑީ.ޕީ ގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އެހެން ބައްދަލުކޮށްލުމަކަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތުމާއިއެކު ވަޑައިނުގެންނެވޭނެކަމަށް އަންގަވާފައި އޮތުމުން އެ ޢިއްޒަތްތެރި މެންބަރު ބައިވެރިވެވަޑައި ނުގަންނަވާކަމަށްވެސް ރިއާސަތުން ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ރިއާސަތުން ނިންމަވާލައްވަމުން ދެން މަޖިލީހުގެ ޖަލްސާބާއްވާނެ ދުވަހެއް ފަހުން އިޢުލާންކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.

32 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.