ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ މިއަދު ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްގެ ރައީސް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އާލް-ޝައިޚް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.
މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއީ ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްގެ ރައީސަކު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، ޝޫރާ ކައުންސިލްގެ ރައީސް ޑރ. ޢަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އާލް-ޝައިޚަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވިއެވެ. އަދި މި ތާރީޚީ ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެ ޤައުމު ދެމެދުގައި އޮތް އުޚުއްވަތްތެރި، އެކުވެރި، ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދެއްކެވި ވާހަކަފުޅުގައި ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ ދީލަތި އެހީ ފާހަގަކުރައްވައި، ސައުދީ ރަސްގެފާނަށާއި ސައުދީ އަރަބިއްޔާގެ އުޚުއްވަތްތެރި، އެކުވެރި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.
ޑރ. އަބްދުﷲ ބިން މުޙައްމަދު ބިން އިބްރާހީމް އާލް-ޝައިޚްގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއްކަމަށާއި އެމަނިކުފާނުގެ މިދަތުރުފުޅުގައި ރާއްޖެއިން ލިބުނު ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި މި ތާރީޚީ ދަތުރުގެ ސަބަބުން ރައްޔިތުންގެ މަޖިލީހާއި ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްއާ ދެމެދު ފެށިގެން މިދިޔައީ އެކުވެރިކަމުގެ ހަރުދަނާ ގުޅުމެއްކަމަށް ވިދާޅުވިއެވެ. އަދި ތަފާތު އެކި ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެ އިތުރުން، މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައާއި ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލްގައި ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕް އުފައްދަން ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ވިލިމާލޭ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު މާމިގިލި ދާއިރާގެ އިއްޒަތްތެރި މެންބަރު ޤާސިމް އިބްރާހިމާއި، އެމްޑީއޭގެ ލީޑަރ އަދި އެމްޑީއޭގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި މަޖިލީހުގެ ކޮމިޓީތަކުގެ މުޤަރައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނޭ ގޮތަށް މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޝޫރާ ކައުންސިލްގެ ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންގެ އިތުރުން، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދުރު ޢަލީ އަލްކަޙައިލް ބައިވެރިވެވަޑައިގެންނެވިއެވެ.
24 ރަބީޢުލްއައްވަލް 1437
4 ޖަނަވަރީ 2016