ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ފާސްކުރައްވައިފި

_DSC5645މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2002/1) އަށް އިޞްލާޙު ގެނައުމުގެ ބިލު، ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް ފާސްކުރެއްވުމަށް 42 މެންބަރުންގެ އަޢުލަބިއްޔަތުން  ފާސްކުރައްވައިފިއެވެ.

މިބިލު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 13 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައިވަނީ، ކޮމިޓީގެ ރިޕޯޓަށް ހުށަހެޅި 1 އިޞްލާހަކަށް ވޯޓަށް އައްސަވައި މަޖިލީޙުގެ އަޢުލަބިއްޔަތު ނުލިބުމުން ފާސްނުވެފައެވެ.

މިއަދުގެ ޖަލްސާގެ، މިބިލުގެ ކޮމެޓީ ރިޕޯޓު ހުށަހެޅުއްވީ މުޅި މަޖިލީހުގެ ކޮމިޓީގެ މުޤައްރިރުގެ ހައިސިއްޔަތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުއެވެ. މި ބިލުގެ ރިޕޯޓަށް 5 މެންބަރުން ވާހަކަދެއްކެވިއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވައި، ބިލު، މަޖިލީހުން ބަލައިގަތުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 27 އޮކްޓޯބަރ 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާގައެވެ.

14 މުޙައްރަމް 1436

27 އޮކްޓޯބަރ 2015