މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު (ޤާނޫނު ނަންބަރު 2010/3) ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން 5 ނަންފުޅެއް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.
މިގޮތުން، ގ. މާވާރުލު/ޙަސަން ޒުހައިރު މުޙައްމަދު، ލ.މާވަށް/ނަލަމަލަ ނަޞްރުﷲ ޖަމީލް އަދި ގ. ގޮފި/ފާޠިމަތު މިންހަތު އިއްޒަތު، ގެ ނަންފުޅު ފާސްކުރައްވާފައިވަނީ 67 މެންބަރުންގެ އިއްތިފާގުންނެވެ. އަދި، ގދ.ހޯނޑެއްދޫ/އާމިނަތު ފަރީޝާ އާއި މއ. ޕެންޒީވިލާ/ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރުގެ ނަންފުޅު ފާސްކުރައްވާފައިވަނީ 68 މެންބަރުންގެ އިއްތިފާގުންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެގޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއެވެ.
13 ޞަފަރު 1437
25 ނޮވެންބަރ 2015