މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) އަށް އިޞްލާޙު ގެނައުމުގެ ބިލު، ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރެއްވުމަށް މަޖިލީހުގެ އަޢުލަބިއްޔަތު ނުލިބުމުން، އެބިލު އަލުން އަނބުރާ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވުމަށް 46 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.
މިބިލް، ކޮމިޓީއަށް ފޮނުއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 3 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. އެއް މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި، މި ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާން އެވެ.
މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 8 ޖުލައި 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައެވެ. އަދި، 3 އޯގަސްޓް 2015 ވީ ހޯމަދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައިވަނީ، ބިލު މަޖިލިހަށް ބަލައިގަތުމާއި ގުޅިގެން، ދިރާސާ ކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 23 ނޮވެންބަރު 2015 ވާ ހޯމަދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.
10 ޞަފަރު 1437
22 ނޮވެންބަރ 2015