ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ފާސްކުރެއްވުމަށް ފެނިވަޑައި ނުގަންނަވާ ކަމަށް މަޖިލީހުގެ އިއްތިފާގުން ފާސްކުރައްވައިފި

_DSC5663މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 98/20) އަށް އިޞްލާޙު ގެނައުމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް، ބިލު ފާސްކުރެއްވުމަށް ފެނިވަޑައި ނުގަންނަވާ ކަމަށް 57 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ .

މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވީ، އެކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރެވެ. މި ބިލުގެ ރިޕޯޓަށް 11 މެންބަރުން ވާހަކަދެއްކެވިއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާގައެވެ. އަދި ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައިވަނީ 2 ނޮވެންބަރ 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ.

29 މުޙައްރަމް 1437

12 ނޮވެންބަރ 2015