އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާބެހޭ ބިލު، ފާސްކުރައްވައިފި

_DSC5645މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލު ހުށަހަޅުއްވާފައިވާ، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާބެހޭ ބިލު، 57 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާބެހޭ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވީ، އެކޮމިޓީގެ ނައިބު މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރެވެ. މި ބިލުގެ ރިޕޯޓަށް އެއް މެންބަރަކު ވާހަކަދެއްކެވިއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 4 ނޮވެންބަރު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ. އަދި ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައިވަނީ 9 ނޮވެންބަރ 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާގައެވެ.

29 މުޙައްރަމް 1437

12 ނޮވެންބަރ 2015