ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2002/1) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މި ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް 66 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. މިބިލް، ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. 3 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން، މިބިލުގެ މަރުޙަލާތައް އެއް މަރުޙަލާއާ ވިދިގެން އަނެއް މަރުޙަލާ ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ނެގި ވޯޓް ފާސްކުރައްވާފައިވަނީ، 39 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. މިމައްސަލަ ކުރިއަށް ގެންދިއުމަށް ފެނިވަޑައިނުގަންނަވާކަމަށް 5 މެންބަރުން ވޯޓްދެއްވިއެވެ. 2 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު ބިލު ހުށަހަޅުއްވައިދެއްވުމުން، މި މިބިލަށް 17 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

14 މުޙައްރަމް 1436

27 އޮކްޓޯބަރ 2015