ޓެރަރިޒަމް މަނާކުރުމުގެ ބިލު، އަނބުރާ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ޓެރަރިޒަމް މަނާކުރުމުގެ ބިލު، އަނބުރާ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވުމަށް 55 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ. 8 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖައްސާގައި، މިބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ. މިއަދުގެ ޖަލްސާގައި، 8 މެންބަރުން މިބިލަށް ބަހުސްކުރައްވަފައިވެއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 20 ޖުލައި 2015 ގައި ބޭއްވުނު ރައްޔިތުންގެ މޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ. ބިލު މަޖިލީހުން ބަލައިގަނެ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައެވެ.

13 މުޙައްރަމް 1436

26 އޮކްޓޯބަރ 2015