ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އަނބުރާ ގެންދަވައިފި

މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސިޔާސީ ޕާޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2013/4) އަށް އިޞްލާޙު ގެނައުމުގެ ބިލު، މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 79 ވަނަ މާއްދާގެ ދަށުން އަނބުރާ ގެންދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 79 ވަނަ މާއްދާގައިވަނީ، ބިލެއް މަޖިލީހަށް ތަޢާރަފުކުރާ މެންބަރަކު ބޭނުންވެއްޖެހިނދެއްގައި، އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުގެ ކުރިން، އެ ބިލެއް އަނބުރާ ގެންދެވިދާނެއެވެ. މަޖިލީހަށް ބިލެއް ބަލައިގަނެއްޖެނަމަ، އެހިނދުން ފެށިގެން، އެ ބިލު އަނބުރާ ގެންދިޔުމުގެ ފުރުޞަތު، އެ މެންބަރަކަށް ނޯންނާނެއެވެ. އަދި، އެ ބިލާމެދު ދެން ގޮތެއް ކަނޑައެޅިގެންދާނީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ އުސޫލުތަކުގެ މަތިންނެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 2015 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާގައެވެ.

29 ޛުލްޙިއްޖާ 1436

13 އޮކްޓޯބަރ 2015