އިޖުތިމާޢީ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ބިލަށް މަޖިލީހުން ގެންނެވި އިޞްލާޙުތަކާއެކު އެބިލު މިއަދު ފާސްކުރައްވައިފި

މިއަދު ބޭއްވުނު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި، އިޖްތިމާޢީ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ބިލަށް މަޖިލީހުން ގެނެވުނު އިޞްލާޙުތަކާއެކު އެބިލު މަޖިލީހުން މިއަދުގެ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

ނެޝަނަލް އާރކައިވްސްގެ ބިލާގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މެންބަރުން ބަހުސް ކުރެއްވުމަށްފަހު، މިބިލު މަޖިލީހުން ކުރިއަށްގެންދިއުމަށް މިއަދުގެ ޖަލްސާގައި ވަނީ  ފާސްކުރައްވައިފައެވެ. އަދި ބިލު އިތުރަށް ދިރާސާކުރެއްވުމަށްޓަކައި ގަވައިދުގައިވާ ގޮތުގެ މަތިން އިޖްތިމާޢީ ކޮމިޓީއަށްވަނީ އެބިލު ފޮނުއްވައިފައެވެ.

މަޖިލީހުން ފާސްކުރައްވައި، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަސްދީޤް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައަށްވަނީ ބަހުސްކުރައްވައިފައެވެ. އަދި މިމައްސަލައިގެ ބަހުސްގެ މަރުޙަލާގައި ރައީސުލްޖުމްހޫރިއްޔާ އަރިހަށް ބިލު ތަސްދީޤްކުރެއްވުމަށް މަޖިލީހުން ފޮނުއްވިގޮތަށް ފާސްކުރެއްވުމަށް، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ހުށަހަޅުއްވާ، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ތާޢީދުކުރެއްވި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ޖަލްސާއަށް ޙާޒިރުވެވަޑައިގެން ވޯޓުގެ ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ވަނީ ފާސްކުރައްވައިފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ގުއަންޓަނާމޯ ބޭ ޖަލުގައި ތިބި ޤައިދީންތަކެއް ދިވެހިރާއްޖެއަށް ގެނައުމުގެ މަސައްކަތްތަކެއް ދިވެހި ސަރުކާރުގެ ފަރާތުން ކުރައްވަމުން ގެންދަވާކަމަށް ބަޔާންކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށްފަހު ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓްގެ ބަހުސްގެ މަރުޙަލާގައި،  ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވައި، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ތާއީދުކުރެއްވި ހުށަހެޅުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެއްސެވުމުން އެހުށަހެޅުންވަނީ މަޖިލީހުން ފާސްކުރައްވައިފައެވެ.

މިއަދު ފާސްކުރެވުނު މި ހުށަހެޅުމުގައިވަނީ، ގުއަންޓަނާމޯބޭ ޖަލުން ޤައިދީންތަކެއް ރާއްޖެ ގެނައުމަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމެއް ކަމުގައި ވީހިނދު، ގުއަންޓަނާމޯބޭ ޖަލަކީ، ދުނިޔޭގެ އެންމެ ނުރައްކާތެރި ޓެރަރިސްޓުންގެ ގޮތުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ބައިތިއްބާ ހައިސެކިއުރިޓީ ޖަލަކަށް ވީހިނދު، އެޖަލުން ބައެއް ޤައުމުތަކަށް މިހާތަނަށް ވަޒަންވެރިވުމަށް ބަދަލުކުރެވިފައިވާ ބައެއް މީހުން ނުރައްކާތެރި ޓެރަރިސްޓު ޢަމަލުތައް ހިންގާފައިވާކަމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް މައުލޫމާތު ލިބިފައިވާ ހިނދު، ރާއްޖެފަދަ ޓެރަރިޒަމާ ހަނގުރާމަ ކުރާނެފަދަ ވަރުގަދަ ސަލާމަތީ ވަސީލަތްތަކެއް ނެތް ޤައުމަކަށް މިފަދަ ޖަލަކުން ޤައިދީން ގެނައުމަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ޤަބޫލުކުރެވޭހިނދު، ގުއަންޓަނާމޯ ބޭ ޖަލުން ޤައިދީންތަކެއް ރާއްޖެ ގެނައުމާބެހޭގޮތުން ދިވެހި ސަރުކާރުން އިން ޕްރިންސިޕްލް ވެފައިވާ އެއްބަސްވުމެއްގެ ސަބަބުން ދިވެހި ރައްޔިތުން އިލްތިޒާމްތަކެއް އުފުލަންޖެހޭނެކަމަށް ކޮމިޓީއަށް ޤަބޫލުކުރެވޭ ހިނދު، އަދި މިކަމާ އެއްބަސްވުމުގެ ކުރިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) ގައިވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން މިހާތަނަށް ހޯދާފައިނުވާ ހިނދު، ގުއަންޓަނާމޯ ބޭ ޖަލުން ޤައިދީންތަކެއް ރާއްޖެ ގެނައުމާގުޅޭގޮތުން ކުރިއަށްއޮތް ތާނގައި އެއްވެސް އެއްބަސްވުމެއްގައި ދިވެހިި ސަރުކާރުގެ ފަރާތުން ސޮއިކުރުމުގެ ކުރިން، އެކަން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު މެނުވީ ނުކުރެވޭނެކަމަށް މަޖިލީހުން ކަނޑެޅުމެވެ.

މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން ހ. އޭޝަންލޮޖް އަލްފާޟިލް އާދަމް ޙަސަން ބެލްޖިއަމްގެ ސަރުކާރަށް ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާތީ، އެ ނަންފުޅު ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވުމަށްފަހު، ކޮމެޓީން ނިންމެވިގޮތަށް ހ. އޭޝަންލޮޖް އަލްފާޟިލް އާދަމް ޙަސަން ބެލްޖިއަމްގެ ސަރުކާރަށް ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ފެންނަކަމަށް މަޖިލީހުންވަނީ ފާސްކުރައްވާފައިވެއެވެ.

74 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދުއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 19 ޖުލައި 2010 ވާ ހޯމަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.