މަޢާފުދިނުމާއި އަދަބުލުއިކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ފާސްކުރެއްވުމަށް ފެނިވަޑައި ނުގަންނަވާ ކަމަށް މަޖިލީހުގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށަހަޅުއްވާފައިވާ، މަޢާފުދިނުމާއި އަދަބުލުއިކޮށްދިނުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/2) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް، ބިލު ފާސްކުރެއްވުމަށް ފެނިވަޑައި ނުގަންނަވާ ކަމަށް 46 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.
މިބިލް، ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް އެއް މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. 6 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ރިޟާއެވެ. އަދި 14 މެންބަރުން ރިޕޯޓަށް ވާހަކަދެއްކެވިއެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 12 އޮކްޓޯބަރ 2015 ވާ ހޯމަދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

23 ޛުލްޙިއްޖާ 1436
7 އޮކްޓޯބަރ 2015