ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2002/1) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 60 މެންބަރުންގެ އިއްތިފާގުން ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު ލަޠީފްއެވެ. މިއަދުގެ ޖަލްސާގައި، 4 މެންބަރުން މިބިލަށް ބަހުސްކުރައްވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 10 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާގައެވެ. ބިލު މަޖިލީހުން ބަލައިގަނެ، ދިރާސާކުރެއްވުމަށް ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާގައެވެ.

9 ޛުލްޤައިދާ 1436

24 އޮގަސްޓް 2015