ހިއުމަން ރައިޓްސް ކޮމިޝަނަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ދެ ނަންފުޅު މަޖިލީހުން ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން 2 މެންބަރެއްގެ މަޤާމުގެ މުއްދަތު 13 ސެޕްޓެންބަރު 2015ގެ ނިޔަލަށް ހަމަވާތީ، ޤާނޫނު ނަންބަރު 2014/36 (ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، ޢާންމުކޮށް އިޢުލާންކުރުމުން އެކަމަށް އިޖާބަދެއްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މިގޮތުން، އަލްފާޟިލާ ނައިވީން ޢަބްދުﷲ، ޝުމައިސް/ސ.ހިތަދޫ ގެ ނަން ފާސްވެފައިވަނީ 60 މެންބަރުންގެ އިއްތިފާގުންނެވެ.

އަދި، އަލްފާޟިލް މޫސާ ޢަލީކަލޭގެފާނު، ހުސްނުހީނާގެ/ރ.ކަނދޮޅުދޫ ގެ ނަން ފާސްވެފައިވަނީ 45 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ނަންފުޅަށް ފެނިވަޑައިނުގަންނަވާކަމަށް 7 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 2 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މި މައްސަލައާއި ގުޅޭ ކޮމިޓީ ރިޕޯޓް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މެންބަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު ލަޠީފްއެވެ. ކޮމިޓީ ރިޕޯޓަށް ކަނޑައެޅުއްވާފައިވާ ބަހުސް ވަގުތުގައި އެއް މެންބަރަކު ވަނީ ވާހަކަދައްކަވާފައެވެ.

9 ޛުލްޤައިދާ 1436

24 އޮގަސްޓް 2015