ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިނުގަތުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، ގަމު ދާއިރާގެ މެންބަރު ފައްޔާޟް އިސްމާޢީލް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 96/10) އަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 35 މެންބަރުން ވޯޓް ދެއްވައިފިއެވެ. މި ބިލު ބަލައިގަތުމަށް ފެނިވަޑައިގަންނަވާ ކަމަށް 23 މެންބަރުން ވޯޓް ދެއްވިއިރު، އެއް މެންބަރަކު ވަނީ ވަކި ފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މި ބިލުގެ އިބްތިދާޢީ ބަޙުސް މަރުޙަލާގައި މި ބިލަށް 21 މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 5 އޯގަސްޓް 2015 ވާ ބުދަ ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

19 ޝައްވާލް 1436

4 އޯގަސްޓް 2015