އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި، މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ޤާނޫނު ނަންބަރު 2009/5) އަށް އިޞްލާޙް ގެނައުމުގެ ބިލު އިޤްތިޞާދީ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތަށް 60 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވައިފިއެވެ. 4 މެންބަރުން ވަނީ ވަކި ފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލްއެވެ. ކޮމިޓީ ރިޕޯޓަށް ކަނޑައެޅުއްވުމަށްފަހު ކުރިއަށްގެންދެވި ބަޙުސް ވަގުތުގައި 3 މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ.

މި ބިލު ދިރާސާކުރެއްވުމަށް ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 29 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 24 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ.