ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު، 11 މެންބަރުންގެ ވަގުތީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ހުށަހަޅުއްވާފައިވާ،  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު، 11 މެންބަރުންގެ ވަގުތީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 70 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މިބިލް، ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 14 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

މި ބިލު ވަގުތީ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު އެވެ. އަދި، މިބިލަށް 8 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 21 ޖުލައި 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައެވެ. އަދި ހަމައެދުވަހު، ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 16 ވަނަ ޖަލްސާގައި މި ބިލު އިތުރަށް ދިރާސާކުރެއްވުމަށް 11 މެންބަރުންގެ ވަގުތީ ކޮމިޓީއަށް  ފޮނުއްވާފައިވެއެވެ.

6 ޝައްވާލް 1436

22 ޖުލައި 2015