އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް އަނބުރާ އެ ކޮމިޓީއަށް ފޮނުއްވުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުޢާޒު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ޤާނޫނު ނަންބަރު 2009/5) އަށް އިޞްލާޙު ގެނައުމުގެ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް، އިތުރަށް ދިރާސާކުރެއްވުމަށް އަނބުރާ އެ ކޮމިޓީއަށް ފޮނުއްވުމަށް 71 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. މި ބިލް، ކޮމިޓީއަށް އަނބުރާ ފޮނުއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓްދެއްވާފައިވެއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 24 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ. މި ބިލު ދިރާސާކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައިވަނީ 29 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ. މި ބިލު އިޤްތިޞާދީ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް، ހުށަހަޅުއްވާފައިވަނީ 8 ޖުލައި 2015 ވީ ބުދަދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 21 ޖުލައި 2015 ވާ އަންގާރަ ދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

4 ޝައްވާލް 1436
20 ޖުލައި 2015