ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީ ލަންކާގެ ރައީސްގެ އަރިހަށް މަޖިލީހުގެ ރައީސް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސް ހިޒް.އެކްސަލަންސީ. މަހިންދަ ރާޖަޕަކްސަގެ އަރިހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ޒިޔާރަތް އޮތީ ރާޖަޕަކްސަ ހުންނަވާ ރިޒޯޓް، ކުރުބާ މޯލްޑިވްސްގައެވެ.

މަޖިލީހުގެ ރައީސް ސްރީލަންކާގެ ރައީސްގެ އަރިހަށް މި ކުރެއްވި ޒިޔާރަތުގައި ދެވަނަ ދައުރަކަށް ސްރީލަންކާގެ ރައީސަކަށް ރާޖަޕަކްސަ ހޮވިވަޑައިގަތުމާއި ގުޅިގެން ތަހްނިޔާ ވިދާޅުވިއެވެ. އަދި ސްރީލަންކާ ސަރުކާރާ ދިވެހިރާއްޖެއާއި ދެމެދު ޒަމާނުއްސުރެ އޮންނަ ގާތްއެކުވެރިކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅުދެއްކެވިއެވެ. މިގޮތުން ސްރީލަންކާއަކީ ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ޒިޔާރަތްކުރާ އަދި ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ދިރިއުޅެމުންގެންދާ ޤައުމެއްކަމަށާއި އަދި ސްރީލަންކާ ސަރުކާރުން ދިވެހރާއްޖެއަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީފުޅުތަަކަށްޓަކައި ސްރީލަންކާގެ ރައީސަށް ޝުކުރުއަދާކުރެއްވިއެވެ.

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވާހަކަފުޅުގައި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު ހިނގަމުންމިދާ ކަންތައްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.