ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި، މާލޭ ސިޓީ ކައުންސިލުން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މާލޭ ސިޓީގެ މަގުތައް ބެލެހެއްޓުމާއި، މާލޭ ސިޓީގެ ޕާކުތަކާއި މައިދާންތައް ބެލެހެއްޓުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރުމަށްފަހު، އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.
މި މައްސަލަ ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް 42 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. މިމައްސަލަ، ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 14 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދުއެވެ.
މި މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވާފައިވަނީ 25 ޑިސެމްބަރ 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 29 ވަނަ ޖަލްސާގައެވެ.

19 ރަމަޟާން 1436
6 ޖުލައި 2015