ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/3) އަށް އިޞްލާޙު ގެނައުމުގެ ބިލު، 43 މެންބަރުންގެ އަޢުލަބިއްޔަތުން މަޖިލީހަށް ބަލައިގަނެފިއެވެ. މިބިލް، ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 14 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.
މި ބިލު މަޖިލިހަށް ބަލައިގަތުމާއި ގުޅިގެން ދިރާސާ ކުރެއްވުމަށް ވަނީ ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުވިފައެވެ.
މި ބިލުގެ އިބްތިދާޢީ ބަޙުސް މަރުޙަލާގައި ޖުމްލަ ފަސް މެންބަރުން ވާހަކަދެއްކެވިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 30 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާގައެވެ.

19 ރަމަޟާން 1436
6 ޖުލައި 2015