ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/8) އަށް އިޞްލާޙު ގެނައުމުގެ ބިލު، 56 މެންބަރުންގެ އިއްތިފާގުން މަޖިލީހަށް ބަލައިގަނެފިއެވެ. މި ބިލު މަޖިލިހަށް ބަލައިގަތުމާއި ގުޅިގެން ދިރާސާ ކުރެއްވުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއަށް ފޮނުވިފައެވެ.
މި ބިލުގެ އިބްތިދާޢީ ބަޙުސް މަރުޙަލާގައި ޖުމްލަ ދެ މެންބަރުން ވާހަކަދެއްކެވިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 15 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ.

13 ރަމަޟާން 1436
30 ޖޫން 2015