މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް، މަޖިލީހުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ފަދަ މާޙައުލެއް ޤާއިމްކުރެވޭތޯ ބެއްލެވުމުގެ ގޮތުން މަޖިލީހުގެ ޖަލްސާ ނިންމަވާލައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާ ފެއްޓެވުމަށްފަހު މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދުގެ ޖަލްސާގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވިދާނެކަމަށް ފެނިވަޑައި ނުގަންނަވާކަމަށެވެ. އެހެންކަމުން މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާލެއްވީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާ ވަކިވަކިން ބައްދަލުކުރައްވާ މަޝްވަރާކުރައްވާން ބޭނުންފުޅުވާކަމުގައި ވިދާޅުވުމަށްފަހުއެވެ. އެހެންކަމުން ހެނދުނު 9:06 ގައި މިއަދުގެ ޖަލްސާވަނީ ރިޔާސަތުން ނިންމަވާލައްވާފައެވެ. މިއީ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވި 4 ވަނަ ދުވަހެވެ. މިއަދުގެ ޖަލްސާގައިވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި މަޖިލީހުގެ ރައީސަށް އެއްބާރުލުން ދެއްވުމަށް މެންބަރުންގެ އަރިހުން މަޖިލީހުގެ ރައީސްވަނީ އެދިވަޑައިގެންފައެވެ.

މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާލެއްވީ 12 ޖުލައި 2010 ވާ ހޯމަ ދުވަހު ހެނދުނު 9:00 ގައި ޖަލްސާ ބާއްވާނެކަމަށް ޢިއުލާން ކުރެއްވުމަށްފަހުއެވެ.

43 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.