ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ހުށަހެޅުނު އެއް އިޞްލާހާއެކު ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) އަށް އިޞްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ހުށަހެޅުނު އެއް އިޞްލާހާއެކު، 49 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. މިބިލް، ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 18 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.
މި ބިލު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މެންބަރު ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުއެވެ.
މި ބިލު ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 17 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 10 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާގައެވެ.

12 ރަމަޟާން 1436
29 ޖޫން 2015