ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ ފިރިހެން ކުދިންނާއި އަންހެން ކުދިން، ޢުމުރުން 18 އަހަރު ފުރެންދެން އެ މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓާގޮތަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ މަސައްކަތަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މަސައްލަ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ހަތް ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ ފިރިހެން ކުދިންނާއި އަންހެން ކުދިން، ޢުމުރުން 18 އަހަރު ފުރެންދެން އެ މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓާގޮތަށް އެ މިނިސްޓްރީގެ މަސައްކަތަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 48 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. މި ރިޕޯޓު، ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރުންގެ ވޯޓްދެއްވާފައިވާއިރު، ހަތް މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅައިދެއްވީ އެ ކޮމިޓީގެ މެންބަރު ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދުއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިމައްސަލަ ފޮނުއްވާފައިވަނީ 3 މާރިޗް 2015 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެ ވަނަ ޖަލްސާގައެވެ.

30 ޝަޢުބާން 1436
17 ޖޫން 2015