ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓްގެ ނަމުގައި 24 ފެބްރުއަރީ 2015 ގައި އުފައްދައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ހަތް ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ރާއްޖޭގައި ހިންގާ ސްކޫލްތަކާއި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ހަރަކާތްތައް މޮނިޓަރކޮށް އެ ތަންތަނުން ދޭ ތަޢުލީމާއި ތަމްރީނުގެ ފެންވަރު ހިފަހައްޓާތޯބަލައި ކަށަވަރުކުރުމުގެ ގޮތުން ކޮލިޓީ އެޝުއަރަރަންސް ޑިޕާޓްމަންޓްގެ ނަމުގައި 24 ފެބްރުއަރީ 2015 ގައި އުފައްދައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ، ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 48 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ. މި ރިޕޯޓު ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރުންގެ ވޯޓްދެއްވާފައިވާއިރު، 4 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅައިދެއްވީ އެ ކޮމިޓީގެ މެންބަރު ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދުއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިމައްސަލަ ފޮނުއްވާފައިވަނީ 3 މާރިޗް 2015 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

30 ޝަޢުބާން 1436
17 ޖޫން 2015