ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/7) އަށް އިޞްލާޙު ގެނައުމުގެ ބިލު 37 މެންބަރުންގެ އަޢުލަބިއްޔަތުން މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރެއްވުމަށް ޤައުމީ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
މި ބިލް، ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 14 މެންބަރުންގެ ވޯޓްދެއްވާފައިވާއިރު، 3 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ ބަޙުސް މަރުޙަލާގައި 26 މެންބަރުން ވާހަކަދެއްކެވިއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 10 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާގައެވެ.

30 ޝަޢުބާން 1436
17 ޖޫން 2015