ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގެންފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި، ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު (ޤާނޫނު ނަންބަރު 2015/11) އަށް އިޞްލާޙު ގެނައުމުގެ ބިލު 32 މެންބަރުންގެ އަޣްލަބިއްޔަތުން މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރެއްވުމަށް ޤައުމީ ތަރައްޤީ ކޮމިޓީއަށް ވަނީ ފޮނުއްވައިފިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް 16 މެންބަރުންވަނީ ވޯޓް ދެއްވާފައެވެ. މީގެއިތުރުން، 2 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި މި ބިލުގެ ބަޙުސް މަރުޙަލާގައި 16 މެންބަރުން ވާހަކަދެއްކެވިއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 9 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 ޖޫން 2015 ވާ އަންގާރަ ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައެވެ.

28 ޝަޢުބާން 1436
15 ޖޫން 2015