މިއަދުގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން ނިންމަވާލައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާ ވެސް މަޖިލީހުގެ ރައީސް ފެއްޓެވުމާއިއެކު ގިނަ މެންބަރުންތަކެއް ނިޒާމާބެހޭ މައްސަލަތައް ނަންގަވާ މަޖިލީހުގެ ރައީސަށް ޖަލްސާގެ އެޖެންޑާ ކުރިއަށް ގެންދެވޭ ވަރަށްވުރެ ބޮޑަށް ޖަލްސާގެ ނިޒާމް ގެއްލުމުން ހެނދުނު9:19ގައި މިއަދުގެ ޖަލްސާވަނީ ރިޔާސަތުން ނިންމަވާލައްވާފައެވެ. މިއީ މިގޮތަށް މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވި 3ވަނަ ދުވަހެވެ. މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް މަޖިލީހުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ފަދަ މާޙައުލެއް ޤާއިމްކުރެވޭތޯ ތަކުރާރުކޮށް މަޖިލީހުގެ ރައީސް މަސައްކަތް ކުރެއްވި ނަމަވެސް އެކަމުގައި އެދެވޭ ނަތީޖާއަކާއި ހަމަޔަށް ވާޞިލްވެވިފައި ނެތްކަމުގައި މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ. މިއަދުގެ ޖަލްސާގައިވެސް ތަކުރާރުކޮށް މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި މަޖިލީހުގެ ރައީސަށް އެއްބާރުލުން ދެއްވުމަށް މެންބަރުންގެ އަރިހުން މަޖިލީހުގެ ރައީސްވަނީ އެދިވަޑައިގެންފައެވެ. އަދި މިވަގުތު މި ދިމާވެފައިވާ ދަތި ފިލުއްވައިދެއްވުމުގެ ޤާބިލުކަން މެންބަރުންނަށް ލިބިވަޑައިގެންފައިވާކަމަށާއި ހުރިހާ މެންބަރުން ގުޅިގެން މިކަމުގައި މަސައްކަތްޕުޅު ކުރެއްވުމަށްވެސް މަޖިލީހުގެ ރައީސް މެންބަރުންނަށް ގޮވާލެއްވިއެވެ.

މިއަދުގެ އެޖެންޑާގައި ޤާނޫނުއަސާސީން ލާޒިމުކޮށްގެން ނިންމަންޖެހޭ މަސައްކަތްތައް އެޖެންޑާ ކުރެވިފައި އެބަހުރިކަމަށާއި، އެ ކަންތައްތަކަކީ މަޖިލީހުގެ ގަވައިދުގެ ދަށުން މިހާތަނަށް ކޮމެޓީތަކުން ނިންމަވާ މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ  ކަންތައްތައް ކަމުގައި ރިޔާސަތުން ވިދާޅުވިއެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުގައި މަސައްކަތް ކުރައްވާ މެންބަރުންގެ އަރިހުން އެކޮމިޓީތަކާއި ޙަވާލުކުރެވިފައިވާ މަސައްކަތްތައް އަވަސް ކޮށްދެއްވައި މަޖިލީހުގެ ރައީސަށް ފޮނުއްވައި ދެއްވުމަށްވެސް ރިޔާސަތުން އެދިވަޑައިގެންނެވިއެވެ. މަޖިލީހުގެ ގަވައިދުގައިވާގޮތުން މަޖިލީހުގެ އެއްވެސް ކޮމިޓީއެއްގައި ބައިވެރިވުމުގެ ޙައްޤު މަޖިލީހުގެ ރައީސަކަށް ލިބިގެން ނުވާކަމަށާއި ކޮމިޓީތަކުގެ މަސައްކަތްތަކަކީ އެކޮމިޓީތަކުން ނިންމަވާ މަޖިލީހުގެ ރައީސަށް ފޮނުއްވުމުން ކުރިއަށް ގެންދޭވޭ މަސައްކަތްތަކެއް ކަމަށްވެސް މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގެ އެއްވެސް މަސައްކަތެއް ކުރެވިދާނެކަމަކަށް ރިޔާސަތަށް ޤަބޫލުފުޅުނުކުރެވޭތީ މިއަދުގެ ޖަލްސާ ނިންމަވާލެއްވީ 7 ޖުލައި 2010 ވާ ބުދަ ދުވަހު ހެނދުނު 9:00 ގައި ޖަލްސާ ބާއްވާނެކަމަށް ޢިއުލާން ކުރެއްވުމަށްފަހުއެވެ.

53 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.