ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައި، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާ ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު 2014/9) އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން އަލުން ދިރާސާކުރައްވައި ނިންމެވި ގޮތަށް 46 މެންބަރުންގެ އަޢްލަބިއްޔަތުން ފާސްކުރައްވައިފިއެވެ. މި ބިލު ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރު ވޯޓް ދެއްވާފައިވާއިރު، ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައިވަނީވެސް 1 މެންބަރެވެ.
މި ބިލުގެ ކޮމިޓީ ރިޕޯޓް ތަޅުމަށް ހުށަހަޅައިދެއްވީ ޤައުމީ ސަލާމަތުގެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާއެވެ. ރިޕޯޓް ހުށަހެޅުއްވުމަށްފަހު ކުރިއަށްގެންދެވި ބަޙުސް ވަގުތުގައި 14 މެންބަރުން ވާހަކަދެއްކެވިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު 2014/9) އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު 27 އޭޕްރިލް 2015 ގައި ދިރާސާކުރައްވާ ނިންމެވިއިރު، އެ ބިލު އަލުން ދިރާސާކުރެއްވުމަށް ފޮނުއްވާފައިވަނީ 28 އޭޕްރިލް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާގައެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 22 އޭޕްރިލް 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ.

11 ރަޖަބު 1436
30 އޭޕްރީލް 2015