ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލު ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލު، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް 55 މެންބަރުންގެ ޢިއްތިފާގުން ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި މި ބިލަށް ޖުމްލަ 15 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
މި ބިލު ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ އެ ކޮމިޓީގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުލްލަޠީފް އަޙްމަދުއެވެ. ޤައުމީ ތަރައްޤީ ކޮމިޓީއަށް ދިރާސާކުރެއްވުމަށް މި ބިލު ފޮނުއްވާފައިވަނީ 9 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާގައެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 3 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 30 އޭޕްރިލް 2015 ވާ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

10 ރަޖަބު 1436
29 އޭޕްރީލް 2015