މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް، ހ. މާބަނޑޭރިއާގެ، އަލްފާޟިލް އަޙްމަދު ޡުހޫރަށް ރުހުންދެއްވުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ)ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެއްވުމަށްޓަކައި ފޮނުއްވާފައިވާ، މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް، ހ. މާބަނޑޭރިއާގެ، އަލްފާޟިލް އަޙްމަދު ޡުހޫރު އަށް ރުހުންދެއްވުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެންބަރުންގެ ޢިއްތިފާގުން ފާސްކުރައްވައިފިއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން މިމައްސަލަ ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މިއަދު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ވިލުފުށިދާއިރާގެ މެންބަރު ރިޔާޟް ރަޝީދު އެވެ. އަދި މި ރިޕޯޓަށް 3 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
މިމައްސަލަ ދިރާސާކުރެއްވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުއްވާފައިވަނީ 3 މާރިޗް 2015 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

8 ރަޖަބު 1436
27 އޭޕްރީލް 2015